ފަލަޞްޠީނުގައި ހަތަރު މީހަކު ބަނޑަށްޖެހިގެން މިއަދު ނިޔާވެއްޖެ އެވެ.
ފަލަޞްޠީނުގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިއަދު ނިޔާވެފައިވަނީ އުތުރު ޣައްޒާގެ ބައިތި ލައިހާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ބައެކެވެ. މިއަދު މަރުވީ މީހުންގެ ތެރޭގައި ދެކުޑަކުއްޖަކުވެސް ހިމެނެއެވެ. އެމީހުން ނިޔާވީ ކާނާއާއި ބޯފެން ނުލިބި ބަނޑަށް ޖެހި، ޑީހައިޑްރޭޓްވުމުގެ އިތުރުން ބޭސްފަރުވާނުލިބިގެންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިއަދު ނިޔާވީ މީހުންނާއެކު ޣައްޒާގައި ފުރިހަމަ ހަށިގަނޑަކަށް ބޭނުންވާ ކާނާ އާއި ބޯފެން ޖެހުމުގެ ސަބަބުން މަރުވީ މީހުންގެ އަދަދު ވަނީ 34 އަށް އަރާފަ އެވެ. މީގެ ތެރޭގައި 31 ކުޑަކުދިން ހިމެނެއެވެ.
ޣައްޒާގައި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ހިންގަމުން އަންނަ ގަތުލްއާންމުގެ ސަބަބުން ޣައްޒާގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާ ނުލިބުމާއި، އަދި ދިރިއުޅުމަށް ނުފެތޭ މާހައުލުގައި ގިނަ ދުވަހު އުޅެންޖެހުމުގެ ސަބަބުން ގިނަ ބަޔަކަށްވަނީ މަރާއި ހަނގުރާމަކުރަން ޖެހިފައެވެ. ހަނގުރާމައިގެ ސަބަބުން ޣައްޒާ ސުނާފަތިވެ އެތައް މިިލިއަން މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު، ކުރިޔަށް އޮތް ތާނގައި މިކަންތައްތައް އިތުރަށް އުދަނގޫވެ އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވެފާނެކަމަށް ބައިނަލްއަގުވާމީ މުފައްކިރުން ދަނީ ލާފާކުރަމުންނެވެ.
އިޒްރޭލުންދިން ހަމަލާތަކުގައި މިހާތަނަށް، 32,705 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޑޮކިއުމެންޓް ނުކުރެވި ގެއްލިފަ އެވެ. އަދި 75,190 މީހުންވަނީ ޒަޚަމްވެފައެވެ. ހަމަލާތަކުގައި ބިމާ ހަމަވި އިމާރާތްތަކުގައި ތާށިވުމުގެ ސަބަބުން ބައެއް މީހުން އަދިވެސް ހޯދިފައެއް ނުވެއެވެ. ހަމަލާގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމާއި އަދި ގެއްލިފައިވާ މީހުން ހޯދުމަށް އިންސާނީ އެހީދޭ ފަރާތްތަކަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފަ އެވެ. އެއީ އިޒްރޭލުގެ ފައުޖުތަކުން އެކަމަށް ހުރަސް އަޅަމުންދާތީ އެވެ.