ސްރީލަންކާއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަަދަދު ހަ ލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.
ސްރީލަންކާ ޓޫރިޒަމް ޑެވެލޮޕްމެންޓް އޮތޯރިޓީ(ޢެސްއެލްޓީޑީއޭ) އިން މިއަދު އާންމުކުރި ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާޗުމަހުގެ ހަތާވީސް ވަނަ ދުވަހުގެ ނިޔަަލަށް އެގައުމަށް 608,475 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ހަމައެކަނި މިމަހަށް ބަލާއިރު މިމަހުގެ އެއްވަން ދުވަހުން ފެށިގެން ހަތާޥީސްވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް 181,872 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
ސްރީލަންކާއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝޔާ، އިންޑިއާ، އިނގިރޭސިވިލާތް، ޗައިނާގެ އިތުރުން ފަރަންސޭސި ވިލާތެވެ.
ސްރީލަންކާގެ ސެންޓްރަލް ބޭންކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ދެމަހު ފަތުރުވެރިކަމުން އެގައުމަށް ލިބުނު އާމްދަނީ 687.5 އެެމެރިކާ ޑޮލަރަށް އަރައެވެ. މިއީ2023 ވަނަ އަހަރުގެ ފުރަތަމަ ދެމަހާއި އަޅާކިޔާއިރު %118.2ގެ ކުރިއެރުމެއްކަމަށްވެސް ބުނެފައި ވެއެވެ.