ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރި އެތައް ސަތޭކަ ޔުނިވާސިޓީ ދަރިވަރުންތަކެއް ހައްޔަރުކޮށްފިއެވެ.
މި މުޒާހަރާ ތަކަކަކީ އެމެރިކާގެ އެކި ސްޓޭޓު ޔުނިވާސިޓީތަކުގެ ދަރިވަރުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ މުޒާހަރާ ތަކެކެވެ. މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމަށް އެ ޤައުމުގެ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އަދި މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރާ އާއި ކަރަންޓު މުގުރު ބޭނުންކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
މުޒާހަރާ ތަކުގައި ދަރިވަރުން ގޮވާލަމުން ދިޔައީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށާއި، އެމެރިކާގެ ސިފައިން އިޒްރޭލަށް އެހީތެރިވަމުން އަންނަ އައުން ހުއްޓާލުމަށެވެ.
މުޒާހަރާ ތަކުގައި މިހާތަނަށް 650 އަށް ވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފައި ވާއިރު، މުޒާހަރާތައް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށް ދަރިވަރުން ދަނީ ބުނަމުންނެވެ.
މުޒާހަރާ ކުރުމުގެ ސަބަބުން ބައެއް ސްޓޭޓް ތަކުގެ ޔުނިވާސިޓީ ތަކުން ބައެއް ދަރިވަރުން ސަސްޕެންޑު ކުރަމުން ދާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓު ތަކުން ބުނެއެވެ.
“އެމެރިކާގެ ސަރުކާރަށް އިތުބާރެއް ނެތް. މި ޤައުމަކީ މުސްލިމް ދަރިވަރުންނަށް ރައްކާތެރި ޤައުމެއް ނޫން. އަދި ފަލަސްތީނާއި ދެކޮޅަށް ވާހަކަ ދައްކާ ދަރިވަރުން ޔުނިވަސިޓީ ތަކުން ސަސްޕެންޑު ކުރުމަކީ ދެރަ ކަމެއް.” – މުޒާޙަރާގެ ބައިވެރިއެއް ބުނެފައިވެއެވެ.