ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %5.7 އިތުރު އަދަދެއްކަމަށް އެބޭންކުން ބުނެފައި ވެއެވެ.
ބީއެމްއެލްއިން ބުނީ، މި ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބިފައިވާކަމަށެވެ. އެގޮތުން، ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަރގައި 967 މިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާކަމަށެވެ.އަދި، ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓި، މި ކުއާޓަރ ނިމުނުއިރު ޖުމްލަ އެސެޓް 46.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ ސްޓްރެޓެޖީތައް ހާސިލުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާރސަނަލް ލޯނާއި ފައިނޭންސިންގ އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިންގ ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އަދި، މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން ފާހަނގަކުރެއްވި އެވެ.
“މިއަހަރުގެ ފެށިފައި މިވަނީ ވަރަށް ހަރުދަނާ ގޮތެއްގައި. އިގްތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް އަޅުގަނޑުމެންނަށް ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި މިވަނީ 493 މިލިއަން ރުފިޔާ ލިބިފަ. “ސްޓުމްކާ ވިދާޅުވެފައި ވެއެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށާއި، މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައް މި ކުއާޓަރގައިވެސް ހިންގާފައި ވެއެވެ. އެގޮތުން، މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2، ކ. ގުޅި އަދި ވ. ކެޔޮދޫގައި ވަނީ ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށާފައެވެ. އަދި،މި އަހަރުގެ ޖަނަވަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށް %2.5 އަށް ކުޑަކޮށްފަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 38 ބްރާންޗާއި ސަރވިސް ސެންޓަރ، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަަމަށްވެސް ބީއެމްއެލްއިން ބުނެފައި ވެއެވެ.