އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ޕަޔަނިއާ ބްރޭންޑްގެ ސިމެންތީގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ‘ޕަޔަނިއާ’ ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް ވިއްކަމުން ދަނީ 90 ރުފިޔާ އަށެވެ. އާންމު ދުވަސްވަރުގައި މީގެ ސިމެންތި ބަސްތާއެއް ވިއްކަނީ 108ރ އަށެވެ. އެހެންކަމުން ޕްރޮމޯޝަންއިން ގަންނަނަމަ 18 ރުފިޔާގެ ޑީސްކައުންޓެއް އެބަ ލިބެއެވެ.
އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަންގެ ތެރެއިން 1500 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ހިލޭ މުދާ ގެންގޮސްދޭނެކަމަށެވެ. އަދި، މިޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން އެތެރެކޮށް ވިއްކަމުން އަންނަ ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑެވެ.
އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ދަނީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެ ކޮށް ވިއްކަމުންނެވެ. ދާދި ފަހުން ވަނީ ހުޅުމާލޭގައިވެސް ފިހާރައެއް ހުޅުވާފަ އެވެ.