ތުރުކީވިލާތުގެ ކަނޑުގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ އެވެ.
ތުރުކީގެ އަސްކަރީ މަނަވަރެއް ކަމުގައިވާ ޓީސީޖީ ކިނާލިއާޑާ ރާއްޖެއަށް އައުމުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(ޢެމްއެންޑީއެފް) އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މާލޭގައި މި ވަގުތު މި މަނަވަރު ބަނދަރުކޮށްފައި އޮތްނަމަވެސް، މި މަނަވަރު ރާއްޖެ ކުރާ ދަތުރާއި ބެހޭ އެއްެވެސް ތަފުސީލެއް އެމްއެންޑީއެފްއިން ހާމަކޮށްފަ އެވެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ މިއީ ހެޔޮނިޔަތެއްގައި ކުރި ޒިޔާރަތެއް ކަމަށާއި،މި ދަތުރުގެ ސަބަބުން ‘ޕާޓްނާޝިޕް’ އިތުރަށް ވަރުގަދަވެ ތުރުކީއާއި ރާއްޖޭގެ ގުޅުން ބަދަހިވެގެންދާނެކަމަށެވެ.
ތުރުކީ އަކީ މިސަރުކާރާއި ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަ ދަތުުރުފުޅެއްވެސް ކުރެއްވީ އެގައުމަށެވެ. އެދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައި ވެއެވެ.
ދިފާއީ ނުވަތަ އަސްކަރީ ދާއިރާއަށް ބަލާލާއިރު ދެގައުމުގެ ދެމެދު އެއްބަސްވުމަކަށް އައި ކަމެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެމްއެންޑިއެފްގެ ވައިގެ ބާރުގައި ބޭނުންކުރަމުންދަނީ ތުރުކީގައި އުފައްދާފައިވާ ޔޫއޭވީ ތަކެކެވެ. އަދި މި އުޅަނދުތައް އޮޕަރޭޓްކުރާ ސިފައިން ތަމްރީނުހޯދަނީ ތުރުކީންނެވެ.