ތިން ކައުންސިލެއްގެ ބައި އިލެކްޝަން ޖޫންމަހު ބާއްވަން އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.
އީސީން މިއަދު ބުނީ، ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
ދާއިރާ |
އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދު |
ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް |
1 |
ލ. ގަމު ކައުންސިލްގެ މެންބަރު |
1 |
މ. މުލަކު ކައުންސިލްގެ މެންބަރު (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި) |
1 |
މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިއަދުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ އެ ކޮމިޝަނުގެ [email protected] މެއިލަށްކަމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށްކަމަށް އިލެކްޝަންސްއިން ބުނެފައި ވެއެވެ.
ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޖޫން 15 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. ވޯޓު ނަގާ ދުވަހު އިންސާނީބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުނުކުރާނެކަމަށް އިލެކްޝަންސްއިން ބުނެފައި ވެއެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 23 ވާ އާދިއްތަދުވަހު އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އަދި އިންތިޚާބުގެ މުހިންމު ތާރީޙް ހިމެނޭ ތާވަލު އީސީގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެއެވެ.