65 އަހަރުން މަތީ މީހުންނަށް ދޫކުރާ އައިޑީ ކާޑަކީ، މުއްދަތު ހަމަނުވާ ގޮތަށް ދާއިމީގޮތަށް ދޫކުރާ އައިޑީ ކާޑަކަށް ހެދުމަށްޓަކައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.
ޔޫސުފް އަބްދުލް ޣަފޫރު މިހެން ވިދާޅުވީ، މިހާރު ބޭނުން ކުރާ އައިޑީ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، އުމުރުން 65 އަހަރުވެފައިވާ މީހުންގެ އައިޑީކާޑު މުއްދަތު ހަމަވާ ގޮތަށް އޮތުމުން ގިނަ ތަކުލީފުތައް ރައްޔިތުންނަށް ކުރިމަތިވާ ކަމަށާއި،މިހާރު އޮންނަ ގޮތުން ދޮށީ އުމުރުގެ ބައެއް މީހުންގެ އައިޑީކާޑު މުއްދަތު ހަމަވެ އާ ކުރުމަށް ދަތިތަކާ ކުރިމަތިވާކަމުގެ ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އަދި އެޝަކުވާތަކައް ރިއާޔަތްކުރުމަށް ފަހު ކުރެވުނު ދިރާސާގެ އަލީގައި،ކަރުދާހެއް ތައްޔާރުކޮށް މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“65 އަހަރުން މަތީގެ ބޭފުޅުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައި ވާނީ. ކެބިނެޓުން ފާސްކުރިހާ އަވަަހަކަށް އެ ނިންމުމަށް އަމަލުކުރަން ފެށޭނެ” ޔޫސުފް ވިދާޅުވި އެވެ.
މިހާރު ޑީއެންއާރް އިން އައިޑީ ކާޑު ދޫކުރަނީ އުމުރުން 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ފަސް އަހަރުގެ މުއްދަތަކަށް އަދި 40 އަހަރުން މަތީ އުމުރުފުރާގެ މީހުންނަށް 10 އަހަރުގެ މުއްދަތަކަށެވެ.
މިއަދުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޑީއެންއާރްއާއި އިމިގްރޭޝަންގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.