ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކުދިންގެ “ސްކްރީން ޓައިމް” މަދުކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު، ކިންޑަރ ޕްރީސްކޫލުގެ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފި އެވެ.
އެކަމަނާ މިފަދައިން އެދިވަޑައިިގެންނެވީ އެސްކޫލްދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ރަސްމިއްޔާތުގައި ދަރިވަރުންނާއި ބެލެނިވެރިންނާ އަދި މުދައްރިސުންނާއި މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ދަރިންނަކީ މުޖުތަމަޢަށް ފައިދާހުރި ދަރީންތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. އަދި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކުދިންގެ “ސްކްރީން ޓައިމް” މަދުކުރުމަށް މަސައްކަތްކުރުމަށާއި އެކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ހޭދަކުރުމަށް ބާރުއެޅުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ މުދައްރިސުން މިޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ ދަރިވަރުން މައިންބަފައިންނާއި މުދައްރިސުންގެ ހެޔޮބަސް އަހައި އެގޮތަށް އުޅުން ބައްޓަންކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި އަޚްލާޤު ރަނގަޅު ދީނުގެ ކަންކަމަށް ފަރުވާތެރިވާ ދީނަށް ލޯބިވާ ކުދިންތަކަކަށްވުމަށް ނަޞޭހަތްތެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިވި 55 ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުމާއި، ސޭޝް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ އަންމާފޮތް ޙިފްޛުކޮށްފައިވާ 13 ދަރިވަރުންނަށް ސްކޫލުގެ ފަރާތުން ދެއްވާ ޓްރޮފީ ހަވާލުކޮށްދެއްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކިންޑަރ ޕްރީސްކޫލުގެ ފަރާތުން ހަނދާނީ ފިލާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނަށް އެރުވިއެވެ.
ކިންޑަރ ޕްރީސްކޫލުގައި މިހާރު 257 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ.