“މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ” (މިފްސާ) ގެ ޗެއާޕާސަންއަކަށް ކުރީގެ ނައިބު ރައީސް ޑރ. އަބްދުﷲ ޖިހާދު އައްޔަނުކުރައްވައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ގަވަނިންގް ބޯޑް އެކުލަވާލައި، އެއިދާރާގެ ޗެއާޕާސަންގެ މަގާމަށް ޑރ.ޖިހާދު އައްޔަން ކުރައްވާފައިވާކަމަށެވެ.
ޑރ. ޖިހާދަށް މަރުހަބާ ވިދާޅުވެ މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ، ހިތްވަރާއެކު އެކުއެކީގައި ކުރެވޭ މަސައްކަތުން މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ “މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ”ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
މި އިދާރާ އުފެއްދެވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށާއި، ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމަށާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެފައ ވެއެވެ.