މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވީނަމަވެސް، ޕާސްޕޯޓް ޚިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަން އިން މިގޮތަށް ހަމަޖެއްސީ ސްކޫލް ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ މީހުން ޕާސްޕޯޓް ހަދަން އެދުމާއި ގުޅިގެންނެވެ.
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައިވީ ނަމަވެސް ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް ކުރިޔަށްދާނެކަމަށާއި، މާދަމާ ހެނދުނުގެ 08:30 އިން ފެށިގެން ހަވީރު 05:00 ގެ ނިޔަލަށް ޕާސްޕޯޓް ދޫކުރުމަށް ނަމްބަރު ދޫކުރަމުންދާނެ ކަމަށެވެ. އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މާދަމާއަކީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހެވެ. މެއި މަހުގެ އެއް ވަނަ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވީ 2011ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މެއި މަހުގެ އެއް ވަނަ ދުވަހަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ރަސްމީ ބަންދު ދުވަހެކެވެ.