ގައުމުގެ ތަރައްގީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ޕާޓީ ރޫހާއި ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ ރޭގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކައުންސިލް އިންތިބާއި ގާތްވެފައި ވަނިކޮށް، ބޭއްވި އެ ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.
ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ފާހަގަކުރެއްވީ، ސަރުކާރުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސް ތަންފީޒު ކުރުމުގައި އެކުގައި އޮވެ އެއްބާރުލުން ދޭނެ ކައުންސިލެއް އޮތުމުގެ މުހިންމުކަމެވެ. އަދި ރައްޔިތުންނަށް އެތައް ވައުދުތަކެއްވެ، އެ ވައުދުތައް ތަންފީޒު ކުރުމުގައި އެއްވެސް ދަތިތަކެއް ދިމާވެ ހުރަހެއް އައުމަށް ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ރައްޔިތުން ވޯޓު ދެއްވުމުގައި ގައުމީ ވިސްނުން ކުރިއަށް ނެރެން ޖެހޭ ކަމަށެވެ. އަދި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
”ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުން ބޭނުންވީ ގޮތަށް ކައުންސިލް ފަންކްޝަން ކުރެވިފައެއް ނުވޭ. އަދި ޑަބްލިއުޑީސީ ވެސް ހިންގާފައި ވަނީ ރައްޔިތުން ބޭނުންވި ގޮތަކަށް ނޫން“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ މޭޔަރުކަމުގައި ޑަބްލިއުޑީސީއަށް ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށާއި، އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މާލޭގެ ޑަބްލިއުޑީސީގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން، މޭޔަރު ކެންޑިޑޭޓު މޫސައާއި، ޑަބްލިއުޑީސީގެ ރައީސާކަމަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާންއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ، ކައުންސިލްތަކަކީ ރައްޔިތުންނަށް ދޭންޖެހޭ ދުވަހުން ދުވަހަށް ދޭންޖެހޭ ހިދުމަތްތަކުގައި ސަރުކާރަށް އެހީތެރިވެ، މަގުފަހިކޮށްދޭންޖެހޭ ފަރާތްތައް ކަމަށެވެ. އަދި ގާނޫނީ ނިޒާމު ތަރުތީބުވެފައިވާ ގޮތުން ކައުންސިލްތަކަކީ ވެރިކަން ހިންގާ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއްކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބާރު ނޫންކަން ރޭގެ ޖަލްސާގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.




