ށ. ފޯކައިދޫން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ޝައްކުކުރެވޭ 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ކޮންޓްރޯލްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، މި ހިނގާ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެރަށު މިއުނިކް، ޢަބްދުﷲ ސާލިމް (32އ) ކަމަށެވެ.
ސާލިމް އަތުލައިގަނެފައި ވަނީ އެ ރަށު ތެރެއިން އޭނާ ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރުމުގެ ތެރޭގައެވެ. އަދި މި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓެއް ފުލުހުންނަށް ވަނީ ފެނިފައެވެ.
ސާލިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން އޭގެ ވިޔަފާރިކުރުން ހިމެނެއެވެ.
މި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ސާލިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި އޭނާ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.




