ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި މެޑިކަލް ވާރކް ޕާމިޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް އެ ހެލްްތު ސެންޓަރުގައި ފަށްޓަވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމެވެ.
ރާއްޖޭގައި ބިދޭސީ މަސައްކަތް ކުރާއިރު ވާރކް ޕާމިޓް ހޯދަން ޖެހޭއިރު މިކަމަށް މެޑިކަލް ރިޕޯޓް ބޭނުންވެއެވެ. ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ދަށުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަކުތަކުގައި މެޑިކަލް ވޯކް ޕާމިޓް ހެއްދުމުގެ ޚިދުމަތް އަންނަނީ ތަޢާރަފްކުރަމުންނެވެ.
މިގޮތުން މިހާރު ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި މި ޚިދުމަތް ތާޢާރަފްކޮށްފައިވާއިރު މިއީ އެ ޚިދުމަތް އެ އަތޮޅުން ދޭން ފެށި 3 ވަނަ ރަށެވެ. މީގެ ކުރިން އެ ޚިދުމަތް ލިބެނީ ނ. މަނަދޫ ހޮސްޕިޓަލުންނާއި ނ. ވެލިދޫއިންނެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ހޮޅުދު ސިއްޙީ މަރުކަޒުން ބުނީ، މިދިޔަ 2 އަހަރުގެ ތެރޭގައި އެ ރަށުގެ ސިއްހީ މަރުކަޒަށް ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ. މިހާރު އަލަށް ފެށި ޚިދުމަތާއެކު މެޑިކަލް ވާރކް ޕާމިޓް ހޯދުމަށް އެހެން ރަށްރަށަށް ދާ ދިއުން ހުއްޓުމަކަށް އަންނާނެ ކަމަށްވެސް އެ މަރުކަޒުން ބުންޏެވެ.
މި ޚިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށާއި ހަފްތާގެ 3 ނުވަތަ 5 ދުވަހު އެ ޚިދުމަތް ލިބޭނެ އެ މަރުކަޒުން ބުންޏެވެ.
ސިއްހީ މަރުކަޒުން ބުނީ އެ މަރުކަޒުގައި މިހާރު އައު ޚިދުމަތްތަކެއްވެސް ތަޢާރަފްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކްސްރޭ ޚިދުމަތާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތާއި އެތެރެ ހަށީގެ ޑޮކްޓަރުގެ ޚިދުމަތްވެސް މިހާރު ލިބޭނެ ކަމަށް ބުންޏެވެ.




