ހައިވޭގައި ހުންނަ ސޯލާ ފެނަލަތުކުގެ ބޭރުން މޫދުން ބައެއް ހިއްކަައިގެން ރޭސިން ޓްރެކެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ރޭސިން ޓްރެކް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ އެވެ.
ހައިވޭއާ ޖެހިގެން ރޭސިން ޓްރެކެއް އަޅަން ދެ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ހިއްކަން ވަނީ ނިންމާފައެވެ. އަދި މި މަސައްކަތް ފަށަން އެމްއޭސީއެލުން ތައްޔާރުވެ އެކަމަށް ބޭނުންވާ ސަމާނު މިހާރު ވަނީ އެ ސަރަހައްދަށް ގެންގޮސްފައެވެ.
ހައިވޭގައި ހުންނަ ސޯލާ ފެނަލަތުކުގެ ބޭރުން މޫދުން ބައެއް ހިއްކަައިގެން ރޭސިން ޓްރެކެއް އެޅުމަށް ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ އިއުލާންކުރެއްވީ 2025 ގެ ރިޔާސީ ބަޔާނުގައެވެ.
ދާދި ފަހުން ”ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް“ގެ ނަމުގައި ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރޭސިން ޓްރެކެއް، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ގާއިމުކޮށްފިނަމަ އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން އެތަން ތަރައްގީކުރުމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ފެނުނީ ހައިވޭއާ ޖެހިގެން ކަމަށް ރައީސް ވިދާޅުވިއެވެ.




