ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު މިއަހަރުގެ ފެބުރުއަރީ މަހާ އަޅާ ބަލާއިރު މިދިޔަ މަހު ދަށްވިނަމަވެސް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކުރި ކޭސްތައް އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ވަނީ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބުރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރީ 25010 ކޭސްއެވެ. ނަމަވެސް މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 20761 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް ދަށް އަދަދެކެވެ.
ނަމަވެސް މިއަހަރުގެ މި މުއްދަތުގައި ޑެންގޫ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިިދިޔަ މަހު 535 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރިއިރު ފެބުރުއަރީ މަހު އެ އަދަދު ހުރީ 428 ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު އުޅެނީ 60 އާއި 77 ދެމެދުގައެވެ.
ޑެންގޫ ހުންޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ ޑެންގޫހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ މިއަހަރުގެ ފެބުރުއަރީ މަހާ އަޅާބަލާއިރު މާރިޗު މަހު އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު މަދުވެފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރި 1030 ސާމްޕަލްގެ ތެރެއިން އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ 112 ސާމްޕަލްކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.



