މި މަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ނެގި، ރިފަރެންޑަމް ވޯޓުން ވޯޓުގައި، އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް ވިސްނައިދިނީ ކޮރަޕްޝަން ”ވަރިހަމަކުރުން“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ސަލީމް ވިދާޅުވީ އެ ކެމްޕޭނުގައި އެމްޑީޕީން ތަކުރާރުކޮށް ރައްޔިތުންނަށް ވިސްނައިދެމުންދިޔައީ އިންތިހާބުތައް ގިނަވެއްޖެނަމަ ލިބޭ ”ފައިސާކޮޅު“ ގިނަވާނެކަން ކަމަށެވެ.
”ގިނަ އިންތިޚާބު ބޭއްވީމާ ލިބޭ ރިޝްވަތު ގިނަވާނޭ. މިއީތޯ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ؟. މިކަހަލަ ނުބައި ހުރިހާ މަގަކަށް ކަންކުރުމަށްޓަކައި އޭގެ ނަސޭހަތް މިދެނީ“ މެންބަރު ސަލީމް ވިދާޅުވިއެވެ.
އެގޮތަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ފަހު އެމްޑީޕީން މިހާރު ޤަބޫލުކުރަނީ 2028 ގެ އިންތިހާބު ކާމިޔާބުވުން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް ދޫނުދެއްވާނެ ކަމަށާއި، އެމްޑީޕީގެ 12 މެންބަރުންނަށް ދޫނުދީ ދެން މަސައްކަތްކުރާނީ ”ގަދަކޮށް“ ކަމަށް މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން އިދިކޮޅު އެމްޑީޕީއަކީ އަބަދުވެސް ވެރިިކަމަށް ދަހިވެތިވެފައިވާ ބައެއްކަމަށް ވިދާޅުވެ، ފްލެޓް ދިނުމުގައި އެމްޑީޕީން ކަންކުރި ގޮތަށް މެންބަރު ސަލީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އޭދަފުށީ ދާއިރާގެ މެންބަރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓްތައް އެމްޑީޕީ ވެރިކަމަށް އައިސްފައި ބަހާލީ ކަމަށާއި، ހިޔާ ފްލެޓްތަކުގައި ކުއްޔަށް މީހުން ދިރިއުޅެން ޖެހުނީ އެހެންވެ ކަމަށެވެ. އަދި ހައްގުވެރިންނަށް ފްލެޓްތައް ދިންނަމަ އެކަން އެގޮތަށް ނުހިނގީސް ކަމަށް ވެސް ވިދާޅުވިއެވެ.



