މީހަކު މަރާލަން ހަމަލާއެއް ދިން މައްސަލައެއްގައި 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އިސްމާއިލް އާސިފް މިނިވަންވީ، 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އޭނާގެ ހުކުމަށް މައާފްދެއްވުމުންކަން ހާމަވެއްޖެއެވެ.
އާސިފްގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއީ 2019 ވަނަ އަހަރު އއ. މާޅޮހު ބޭރުގައި އޮތް ”ޖަރީ“ ނަމަކަށް ކިޔާ ދޯނީގެ ތެރޭގައި ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ދީނީ ދެބަސްވުމެއްގައި، އިސްމާއިލް ހައްމާދު ކިޔާ މީހަކަށް ވަޅިން ހަމަލާދީ، އޭނާ މަރާލަން އުޅުނުކަމުގެ މައްސަލައިގައެވެ.
އެ ހަމަލާގައި ހައްމާދުގެ ބޮލަށާއި، ކޮލަށާއި، ބުރަކައްޓަށް ބޮޑެތި ޒަހަމްތަކެއް ދިނުމަށްފަހު އާސިފް ވަނީ އޭނާ މޫދަށް އެއްލާލާފައެވެ.
އޮންލައިން ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ޞާލިޙު އޭނާގެ ހުކުމަށް ލުއިދެއްވީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު، ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިން، އެއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޞާލިޙު ވަނީ އާސިފްގެ ބާކީ އޮތް ހުކުމުގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދެއްވައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ގައި އޭނާ މިނިވަންކޮށްދީފައެވެ.
މިނިވަންވުމަށްފަހު ވެސް އާސިފްގެ ފަރާތުން ނުރައްކާތެރި ކުށްތައް ފެނިފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ބޮލަށް ކަތިވަޅިއެއް ހަރައިލި މައްސަލައިގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ މަހު މާލޭގެ ގެއަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ވެސް 36 އަހަރުގެ އާސިފް ވަނީ މިހާރު ހައްޔަރުކޮށްފައެވެ.



