މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް، ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސެއިން ފަހުމީ އައްޔަން ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ސޯޝަލް މީޑިއާގައި ދެންމެ ކުރި ޕޯސްޓުގައި ބުނީ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެމްބަރުކަމަށް، މ. ފަތަހަ، ހުސެއިން ފަހުމީ ހަމަޖައްސާފައިވާ ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަމުގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަބްދުލް މަތީން އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސްޓެލްކޯގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަހުމީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވީ މި ސަރުކާރު ފެށުމާއެކު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ނަމަވެސް ސަރުކާރަށް ދެ އަހަރުވާން އުޅެނިކޮށް މިދިޔަ ސެޕްޓެމްބަރު 7 ގައި އޭނާ މަގާމުން ވަކިކޮށް، ރައީސް އޮފީހުގެ، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ވަނީ ބަދަލުކޮށްފައެވެ. މިއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.




