ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދަށު ކޯޓުން ސަލާމަތްވި ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
އައްމަޓީގެ މައްޗަށް ކުރަނީ 2014ގައި އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ. އޭގެ ތެރެއިން 42 މައްސަލައެއްގައި ހިޔާނާތްތެރިވުމުގެ 42 ދައުވާ އޭނާގެ މައްޗަށް ދައުލަތުން އުފުލީ 30 މެއި 2021ގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް އޭން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ރޭގައި ބުނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އިސްތިއުނާފުގެ މައްސަލަ ނިމެންދެން އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހައި ކޯޓުން ނެރެފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ:
° އޭނާ ކުރި އަމަލުތަކަށް ފިޔަވަޅު އަޅަން ޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް
° އޭނާއަށް ކުރާ ތުހުމަތުތަކަކީ މަދަނީ ތޮބީއަތެއް ހިމެނޭ ދައުވާތަކެއް ކަމަށް ބުނެ
° އެހެންވެ އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ ނުއުފުލޭނެ
ޕީޖީ އޮފީހުން ބުނީ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް އުފުލި ދައުވާތަކަކީ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ.
އެގޮތުން:
° މަދަނީ ތޮބީއަތެއް މުއާމަލާތްތަކެއް ކަމަށް ދަށު ކޯޓުން ނިންމީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމަކާ ނުލާ
° ގާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެން ކަމަށް




