މެދުއިރުމަތީގެ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅެއްގައި، ރާއްޖެއަށް ސުކޫކު ދެއްކުމުން ބައިނަލްއަޤުވާމީ ނޫސްތަކަށްވެސް އެ ޚަބަރު އަރާފައިވާ ކަމަށާއި މިއީ ރާއްޖެފަދަ ޤައުމަކަށް ލިބުނު ޝަރަފެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ މެދުއިރުމަތީގައި ހަނގުރާމަ ކުރިއަށްދިޔަ ދުވަސްކޮޅެއްގައި ރާއްޖެއިން ސުކޫކު ދެއްކިކަމުގެ ޚަބަރުތައް ބައިނަލްއަގުވާމީ ނޫސްތަކުން ގެނެސްދީފައިވާ ކަމަށެވެ. އޭގެތެރޭގައި، ރޮއިޓަރސް ފަދަ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ނޫސްތަކުން މި ޚަބަރު ގެނެސްދީފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
”ރޮއިޓަރސް ފަދަ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ނޫސްތަކުންވެސް ފާހަގަ ކޮށްފައިވަނީ، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައި، އެ ކަންބޮޑުވުމުގެ ތެރޭގައި އޮއްވާ ދިވެހިރާއްޖެ މިފަދަ ބޮޑު ސުކޫކެއް ދައްކާ ޚަލާސް ކުރުމަކީ ރާއްޖެފަދަ ކުޑަ ޤައުމަކުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެފަދަ މާލީ ބޮޑެތި ނޫސްތައް އެތައް މިލިއަން ބަޔަކު ކިޔާނެ ކަމަށާއި އެހެންކަމުން މިއީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.




