ރާއްޖެއަށް ނުގެނެވި، ސްރީ ލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކުގެ ތެރެއިން 2،500 ކޮންޓެއިނަރު މި ހަފްތާގައި ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ލަފާކުރައްވައިފި އެވެ.
ރާއްޖެއަށް މުދާ ގެނައުން ލަސްވުމާއި އެތެރެކުރާ މުދާ ކްލިއާ ނުކުރެވި ދިގުލައިގެންދާކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އޭގެ ފަހަތުގައި އޮތީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ޝިޕިން ހިދުމަތްތަކަށް ބުރޫ އަރާފައިވުމެވެ.
މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ނުކުރެވޭތީ އެތައް ހާސް ކޮންޓެއިނަރުގެ މުދާ ރާއްޖެ ނުގެނެވި، ލަންކާގެ ބަނދަރުތަކުގައި ތާށިވެފައި ވެސް އެބަހުއްޓެވެ.
މިއަދު ރައީސް އޮފީހުގައިި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ލަފާކުރެއްވީ ލަންކާގައި ތާށިވެފައި ހުރި މުދާ ޝިޕްމަންޓުތަކުގެ ތެރެއިން ބޮޑު ބައެއް މި ހަފްތާގައި ގެނެވޭނެ ކަމަށެވެ.
”މިދިޔަ ހަފްތާގައި ހުރި ކަމަށް ދެންނެވިން 4،241 ކޮންޓެއިނަރު. ނަމަވެސް މިވަގުތު ބަނދަރުގައި އޮތް ބޯޓުތަކާ އެކު، މި ހަފްތާގައި އައުމަށް ހަމަޖެހިފައިވާ ބޯޓުތައް އައުމުން، މިހާރު ލަންކާގައި ހުންނާނެ ކަމަށް ލަފާ މި ކުރެވެނީ 1،741 ކޮންޓެއިނަރުގެ މުދާ“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.



