މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މާރިޔާ މިއަދު މަގާމުން އިސްތިއުފާ ދެއްވި އިރު، މިއަދުގެ މިހާތަނަށް އިތުރު ފަސް މިނިސްޓަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މާރިޔާއަކީ މި ސަރުކާރިގައި އެގްރިކަލްޗާ މިނިސްޓްރީއަށް އައްޔަންކުރި ދެވަނަ މިނިސްޓަރެވެ. އޭގެ ކުރިން އޭނާ ހުންނެވީ މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކެބިނެޓުން މިއަދު މިހާތަނަށް އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:
° ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
° ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
° ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
° ސޯޝަލް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
° ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް
° އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
މިފަހުން ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ.
އެގޮތުން:
° އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
° މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
° އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
° އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
° ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ މިއަދު ވަނީ އައްޔަނުކޮށްފައެވެ.




