ޔޫތު މިނިސްޓަރުކަމުން އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިނިސްޓަރު ކަމުން އަސްވާޑު އިސްތިއުފާ ދެއްވިއިރު، ދަނޑުވެރިކަމާބެހޭ މިނިސްޓަރު މަރިޔަމް މާރިޔާ އާއި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވެސް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް އާއި ސިޓީތަކާބެހޭ މިނިސްޓަރ އާދަމް ޝަރީފު އުމަރު އަދި ސޯޝަލް މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވަނީ އެ މަގާމުން މިއަދު ވަކިކޮށްފައެވެ.
ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވަން ފައްޓަވާފައެވެ. އެގޮތުން އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ ވެރިންވެސް ވަނީ މިދިޔަ ދެ ހަފުތާގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.
ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދިނުން އިތުރުވެފައިވާއިރު، ފެނަކަ އާއި އެޗްޑީސީގެ ބައެއް އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، މި ބަދަލުތައް ގެންނަ ސަބަބެއް މިހާތަނަށް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.




