ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، އެ އިންތިހާބަށް ކުރިމަތިލާން މިއަދުގެ ހެނދުނު 10 އިން ފެށިގެން މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރު 3 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ފޯމު ބަލައިގަންނާނީ candidacy@elections.gov.mv އީ-މެއިލް މެދުވެރިކޮށް ނޫނީ ސީދާ އީސީންނެވެ.
ބައި އިލެކްޝަނަށް ކުރިމަތިލާ މީހުންގެ ފޯމު އީސީއަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރުފަހު 3 އަށް އަދި ހުކުރު ދުވަހުގެ މެންދުރު 2 އިން ހަވީރު 4 ޖަހަންދެން ކަމަށް އެ އިދާރާއިން ބުންޏެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް އެދި ހުށަހެޅޭނެ ބައެއް ޝަރުތުތައް:
1. ދިވެހި ރައްޔިތަކަށްވުން
2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން
3. މުސްލިމަކަށް ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށްވުން
4. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން
އީސީން ފާހަގަކޮށްފައިވާ ގޮތުގައި ވަކި ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
° އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
° ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވުން.
° ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން 6 ވަނަ ދުވަހު ބާއްވަން ނިންމީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރުމުންނެވެ.




