ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ސިއްރުކޮށްފިއެވެ.
ގިނަ ދުވަސްތަކަކަށްފަހު، މި މައްސަލައިގައި މި މަހުގެ 1 ވަނަ ދުވަހު ބޭއްވި އަޑުއެހުންވެސް ވަނީ ނޫސްވެރިންނަށް ސިއްރު ކޮށްފައެވެ.
މިއަދުގެ އަޑުއެހުންވެސް ސިއްރު ކޮށްފައިވާކަން އަންގަމުން ކޯޓުން ބުނީ، މި އަޑުއެހުން ސިއްރުކުރީ ނޫސްވެރިން ނުވައްދާ ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިފައިވާތީ ކަމަށެވެ.
މި އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އަޑުއެހުންތަކެކެވެ. އެކަމަކު، މިފަހުން މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން ދައުލަތުން އެދެމުންދަނީ، މައްސަލައިގެ ބާވަތުން ބައެއް މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްޓަކައި ހާމަކުރެވެން ނެތް މައުލޫމާތުތަކަށްވާތީ ކަމަށް ބުނެފައިވެއެވެ.
މި މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. ނަމަވެސް މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލެއް ހިންގާފައި ވާތީ ގާޒީ އާދަމް އެ މައްސަލައިން ތަނާޒުލްވި އެވެ. އެ ބެންޗަށް އޭގެ ފަހުން އައްޔަންކުރީ ގާޒީ ހަސަން ސައީދު ވެސް މައްސަލައިން ތަނާޒުލްވި އެވެ.
މިހާރު ވަނީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި އެންމެ ފަނޑިޔާރަކާ މައްސަލަ ހަވާލުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ގާޒީ ސޮފްއަތު ހަބީބް އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހު ދިން އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށް ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާއެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ. އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
އެގޮތުން ކޯޓުގައި މިވަގުތު ޝަރީއަތް ކުރިއަށް ދަނީ:
° ތަހުމީން އަހުމަދު، ފޮޅޭމާ/ގއ. ކޮނޑޭ: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ
° މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
° އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
° އިސްހާގު، މއ. ކުދެހިގެ/ކ.މާލެ: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
° ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
° މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ




