ގއ. އަތޮޅު ކޫއްޑޫ ކައިރީގައި ފީނަން އުޅުނު ފަތުރުވެރިއެއްގެ ފަޔަށް، މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެ، އެމީހާގެ ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 11 ވީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.
ފުލުހުން ބުނީ އެ މީހާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.
އެ ހަމަލާގައި ފަތުރުވެރިޔާގެ ދެ ފައި ވަރަށް ބޮޑަށް ޒަހަމް ވެފައިވާއިރު، ލިބުނު ޒަހަމްތަކާ ގުޅިގެން އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
”އެލް ޕެރިއޮޑިކޯ މެޑިޓެރޭނިއޯ“ އާ ހަވާދީ އިނގިރޭސި ވިލާތުގެ ”މިރާ“ ގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ހާދިސާގައި އަނިޔާވީ ސްޕެއިންގެ އެލިކަންޓޭ އަށް ނިސްބަތްވާ، އަންހެނުންގެ ބަލިތަކަށް ހާއްސަ ޑރ. ބޯޖާ އަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.



