ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ޕްރޮގްރާމްތައް ތަރައްޤީ ކުރާ ”އެމްޕަވަމަންޓް ހަބް“ ގެ މަސައްކަތް ނިންމާ، މިއަހަރުގެ ޖުލައި މަހު އެތަނުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ބުނެފިއެވެ.
އެ ސެންޓަރު ޤާއިމުކުރަނީ، ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެސް 7 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައެވެ. ސެންޓަރުގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގައެވެ.
މިއީ ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމަށާއި،، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ފުރުޞަތުތައް ހޯދައިދިނުމަށް ޤާއިމު ކުރާ ސެންޓަރެކެވެ.
މި ހަބުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާއާއި، ރީޓެއިލް މަސައްކަތުގެ ތަމްރީނާއި، އައިޓީ ދާއިރާގެ ތަމްރީނުތައް ހިމެނެއެވެ. އަދި އަތްތެރި މަސައްކަތް ފަދަ އެކި ފަންނީ ހުނަރުވެރިން ބިނާކުރުމުގެ ގޮތުން ތަފާތު ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.
މީގެއިތުރުން ބައިވެރިން ތައްޔާރު ކުރާ އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ޚާއްޞަ ޖާގައަކާއި، އެ ތަކެތި ވިއްކުމަށް ފިހާރައެއް ވެސް ޤާއިމްކުރާނެއެވެ.




