ތިނަދޫ ސިޓީގައި ޤާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތް ނިންމާ، މިއަހަރުތެރޭ ޚިދުމަތް ފަށާނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ްެއެގޮތުން، ހުވަދުއަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ވަރަށް ގިނަ އާއިލާތައް ދިރިއުޅެމުންދާ އަތޮޅެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި ވަކިން ޚާއްސަކޮށް ތިނަދޫއަކީ އެލާމިންގް ލެވެލެއްގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވޭ ރަށެއްކަމަށް އަޝްރަފު ވިދާޅުވިއެވެ.
”ރިކޯޑްސްތަކުން ދައްކާގޮތުގަ ތިނަދޫއަކީ އެލާމިން ލެވެލްއެއްގަ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވިފައިވާ ރަށެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ އެކަމަށް ޚާއްސަކޮށް ފަރުމާކުރެވިގެން ޚިދުމަތްދެވޭނެ ފެސިލިޓީއެއް ޤާއިމްކުރުން“ އަޝްރަފް ވިދާޅުވިއެވެ.
މީގެއިތުރުން އަޝްރަފް ވިދާޅުވީ، މިހާރުވެސް އެފަދަ ފަރުވާ ހޯދުމަށް ގިނަބަޔަކު އަންނަ ކަމަށާއި ވަކިން ޚާއްސަކޮށް ސްކޫލްކުދިންގެ އެކަން ގިނަކަން ފާހަގަކުރެވޭކަމަށެވެ.




