މިދިޔަ އާދީއްތަ ދުވަހު މަރުވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އާއި މީގެ ހަތަރު އަހަރު ކުރިން ހަމަ އެ ދުވަހު މަރުވި ލަތާ މަންގޭޝްކަރްގެ ހަނދާނުގައި، ބޮޑު ހޮސްޕިޓަލެއް ބިނާކުރުމަށް އެ އާއިލާއިން ނިންމައިފިއެވެ.
ލަތާ އާއި އާޝާ އަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. އަދި އެ ދެ މީހުންވެސް މަރުވިއިރު އުމުރުން 92 އަހަރެވެ.
އެ ދެބެންގެ ހަނދާނުގައި ހޮސްޕިޓަލެއް ބިނާކުރަން ނިންމާފައިވާކަން އިއުލާނުކުރީ، ލަތާ އާއި އާޝާގެ ކޮއްކޮ ހިރިދަޔަނާތު މަންގޭޝްކަރް އެވެ.
މި މަޝްރޫއާ ބެހޭގޮތުން ހިރިދަޔަނާތު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހޮސްޕިޓަލް ވާނީ އޭޝިއާ ސަރަހައްދުގައި ބިނާކުރާނެ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ކަމަށެވެ.
”ލަތާ-އާޝާ މަންގޭޝްކަރް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް“ގެ ނަމުން ނަންދީފައިވާ މި ހޮސްޕިޓަލަކީ 1000 އެނދުގެ، ސާޖަރީގެ ހާއްސަ ފަރުވާތައް ދޭ (ސުޕަ ސްޕެޝަލިޓީ) ހޮސްޕިޓަލެއް ކަމަށާއި މިއީ އިންޑިއާގައި މިހާތަނަށް ބިނާކުރާ އެންމެ ޒަމާނީ އެއް ސާޖިކަލް ހޮސްޕިޓަލަށް ވެގެންދާނެ ކަމަށް ހިރިދަޔަނާތުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މި މަޝްރޫގެ ބިންގާ މިހާރު އަޅާފައިވީނަމަވެސް މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.




