މަކަރާއި ހީލަތުން ހަތަރު ލައްކަ ރުފިޔާ ނެގި މީހަކު އެ ފައިސާ އޭގެ ވެރިފަރާތަށް އަނބުރާ ދައްކައިފިއެެވެ.
ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހު މަކަރާއި ހީލަތުން ހަތަރު ލައްކަ ރުފިޔާ ހޯދާފައިވާ މައްސަލައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާއާ ފުލުހުން ސުވާލުކުރުމުން އެ ފައިސާއާ ހަވާލުވި ކަމަށް އޭނާ އިއުތިރާފުވެފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ ދެ މީހުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވެ، މި ފައިސާ މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާފައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


