ކައުންސިލު އިންތިހާބު ނިމުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަދަލުތައް ގެންނަން ފަށާފައިވަނީ މި ސަރުކާރުން ”އޭ“ ރިޕޯޓެއް ބޭނުންފުޅުވާތީ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ، ހއ. މުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީގެ ކޮމެޓީގެ އިންތިހާބުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގައި ހުންނަ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ލިބުނީ ”ބީ“ ރިޕޯޓެއް ކަމަށާއި މި ސަރުކާރަކީ ”އޭ“ ރިޕޯޓު ބޭނުންވާ ސަރުކާރެއް ކަމަށެވެ. އަދި ބަދަލުތައް ގެނެސްފައިވަނީ ރައްޔިތުންގެ ވާހަކަތައް އައްސަވައިގެން ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
”ރައީސް މުއިއްޒު ބޭނުންވަނީ އޭ ރިޕޯޓް. އެހެެންވެ އިންތިހާބު ނިމުމާ އެކު އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ވާހަކަތައް ވިދާޅުވެއްޖެއޭ. ތިމަން މަނިކުފާނު އަޑުއައްސަވަައިފިމޭ. އެ ވަގުތުން ފެށިގެން ރައްޔިތުން އެ ވިދާޅުވި ކަންކަން ކުރައްވަން ފެއްޓެވި“ ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ދައުލަތުން ވައްކަން ކުރުމުން ވެސް މިނިސްޓަރުން ވަކިކޮށް ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކޮށް ޝިޔާމް ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެފަދަ ބޭފުޅުން އެ ސަރުކާރަށް ފެނިވަޑައިގަތީ ބަލަދު އަރާފައިވާ ބޭފުޅުންތަކެއްގެ ގޮތުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.




