ސާބިތު ދަރަންޏެއް ގަވާއިދުން ދައްކަމުން ނުދާ ކަމަށް ސާބިތުވެ، ވެރިކަންކުރާ ޕީއެންސީ ތަމުސީލުކުރައްވަމުން ގެންދެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ ގޮނޑި ގެއްލުމުން ދޭހަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަން ކަމަށް މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރު ރޭގައި ވިދާޅުވެއްޖެއެވެ.
’އެސްއެސްޓީވީ’ން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެންބަރުޒަރީރު ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އިިދިކޮޅުން އަބަދު ވެސް ބުނާ ކަމަށާއި އެކަމަކު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
”އެ ދިޔައީ ޕީއެންސީގެ ވަރުގަދަ މެންބަރެއްގެ ގޮނޑި ގެއްލިގެން، އައްޑުއަށް ނިސްބަތްވާ، އެހެންވީމާ މި ސަރުކާރަކީ ޖުޑީޝަރީއަށް އަތް ބާނާ ސަރުކާރެއް ނޫން، އެކަމުން ވެސް ހާމަވެގެންދޭ ރައީސް ޑރ. މުޢިއްޒަކީ ޖުޑީޝަރީއަށް އަތް ބާނާނެ ބޭފުޅެއްނޫންކަން އެނގޭތޯ،“ ޒަރީރު ވިދާޅުވިއެވެ.
މިދިޔަ 19ވަނަ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި މަތިވެރި ދާއިރާއަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު އެ މަޖިލީހުގެ ފަހުކޮޅު ޕީއެންސީއަށް ސޮއިކުރެއްވި ޒަރީރު ވިދާޅުވީ، އެމްޑީޕީގައި އެއްވެސް އިޚުލާސްތެރިކަމެއް އޮތް ނަމަ، އެމްޑީޕީގެ ސަރުކާރުން ވައުދުވި ގޮތަށް 19ވަނަ މަޖިލީހުގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރީސް ކަމަށެވެ.



