މޯލްޑިވްސް އެކްސްޕޯ 2026ގައި ބައިވެރިވުމަށް މިހާތަނަށް 80 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.
އެ އެކްސްޕޯއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.
މިއަހަރުގެ މޯލްޑިވްސް އެކްސްޕޯއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބީސީސީގެ ޗީފް ސްޓްރެޓިޖިކް އޮފިސަރ މަރިޔަމް ނަޝާ ވަނީ، މިދިޔަ އަހަރުގެ އުފެއްދުންތެރި ކަމުގެ މައުރަޒަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މިދިޔަ އަހަރުގެ މައުރަޒުގައި 250 ފަރާތަކުން 2500އަށްވުރެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވާކަން ނަޝާ ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މައުރަޒަށްވެސް ބޮޑު ތަރުޙީބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މިހާތަނަށް 80 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
”ފާއިތުވެދިޔަ އަހަރުގެ މައުރަޒަށް ބަލާއިރު ޖުމްލަ ގޮތެއްގައި 250 ފަރާތަކުން 2500އަށްވުރެ ގިނަ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައި. މިއަހަރުގެ އެޕްލިކޭޝަނަށް އަޅުގަނޑުމެން މި ހުޅުވާލީ، މިމަހުގެ 8 ވަނަ ދުވަހު. މިހާތަނަށް އައިރު 80 އެޕްލިކޭޝަން. މީގެންވެސް މިއަހަރުގެ މައުރަޒަށް އާންމުންގެ ފަރާތުން ތަރުޙީބު ލިބުނުކަން ފާހަގަކުރެވޭ“ މަރިޔަމް ނަޝާ ވިދާޅުވިއެވެ.
މިއަހަރުގެ މައުރަޒުގައިވެސް ސަރުކާރުގެ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމުދޭ އިދާރާތަކަށްވެސް ބައިވެރި ވެވޭނެއެވެ. އަދި މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނެއެވެ.




