ދިވެހިރާއްޖެއިން ކިންގްޑަމް އޮފް ސްވިޑަންއަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ކިންގް ކާލް ސޯޅަވަނަ ގުސްޓާފްއަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޓަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ، ރަސްގެފާނުގެ ރަސްމީ ގަނޑުވަރުގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޝާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެެރެއިން އެކަމަނާ ވަނީ ދިވެހިރާއްޖެ އާއި ސްވިޑަންއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.
ސްޓޮކްހޯމްއަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޝާން ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ސްވިޑަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.



