އަންހެން ކުއްޖެއްގެ ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ގދ. ތިނަދޫ މީހަކު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ މެއި މަހު ހިނގި މި ހާދިސާއަކީ، ޅ. ނައިފަރަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ސައިކަލު، އެއް ދުވަހެއްގެ ފަތިހު ވަގަށް ނެގި މައްސަލައެކެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުވާ ލިބޭ ތިނަދޫ މީހާ ވަނީ، ވަގަށް ނެގި ސައިކަލުގައި ވަންވޭއާ އިދިކޮޅަށް ދުއްވާފައެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރިއަތުގައި ދައުވާ ލިބުނު ތިނަދޫ މީހާ ވަނީ އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސް ނިޔާ ކަނޑައެޅުމުގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި އިއްވި ހުކުމަކީ، އެއް އަހަރާއި 12 ދުވަހުގެ ހުކުމެކެވެ. އެކަމަކު މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އެ މީހާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަން ޖެހޭ ހުކުމަކީ 11 މަހާއި 28 ދުވަހުގެ ހުކުމެކެވެ. ބަންދުގައި ކުރިން އޭނާ ވަނީ ދެ ހަފުތާގެ މުއްދަތެއް ހޭދަކޮށްފައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި މި މައްސަލައިގައި ޖަލު ހުކުމެއް އިއްވި މީހަކީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމަށް ފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގައިދިޔަ ކަންކަމުގެ ތެރެއިން، ގދ. ތިނަދޫގެ ބައެއް ސަރަހައްދުތަކުގައި ހުޅު ޖެހި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހެކެވެ. އެކަމަކު އެ މައްސަލައިގައި މި މީހާގެ މައްޗަށް ހުކުމެއް އައި ކަމެއް އެނގިފައެއް ނުވެއެވެ.




