ސަރުކާރުގެ ކުރީގެ ކެބިނެޓާ އެކު، ހިންގުމުގެ އޮނިގަނޑަށް ވެސް ބަދަލު ގެންނެވީ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ރޭގައި ވިދާޅުވެއްޖެއެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ޕީއެންސީ އަށް ސިޓީތަކާއި ބައެއް އަތޮޅުތަކުން ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރު އެއިރު ހިންގަމުން އައި 20 މިނިސްޓްރީ 15 އަށް މަދުކުރައްވައި، ހަތަރު އާ ބޭފުޅުން ވަޒީރުކަމަށް އައްޔަނުކުރައްވައިފައެވެ. އަދި ކެބިނެޓުގެ 10 ބޭފުޅަކު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ވެސް ދެއްވިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުންދު ވަނީ އިންތިހާބުން ލިބުނު ނަތީޖާ ކޮންމެ ގޮތަކަށް މާނަކުރިޔަސް، ރައްޔިތުންގެ އަޑު އައްސަވައި، ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އިންތިހާބުގެ ކުރިން ރައީސް މުޢިއްޒު ވިދާޅުވިކަން ފާހަގަކުރައްވައިފައެވެ.
”ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، ވަރަށް ސާފުކޮށް ދަންނަވަންޏާ، މިއީ ހަގީގަތުގައި ވެސް ނިމިގެންދިޔަ އިންތިހާބާ ގުޅިފައި އޮތް ކަމެއް“ މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވި ގޮތުގައި، މި ބަދަލުތައް ރައީސް ގެންނެވީ، ހަމައެކަނި ބަދަލެއް ގެންނެވުމުގެ ބޭނުންފުޅުގައެއް ނޫނެވެ.
އެގޮތުން، ވަރަށް ވިސްނުންތެރިކަމާ އެކު، މި ބަދަލުތައް ރައީސް މުއިއްޒު ގެންނެވީ، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު އިތުރަށް ހަރުދަނާކުރެވޭނެ ގޮތަށް ކަމަށް މުންދު ވިދާޅުވިއެވެ.



