މި އޭޕްރިލް މަހުގެ ދެވަނަ ދުވަހު، ސަރުކާރުން މާލޭގައި ފެށި ޓެކްސީ ލައިނުގެ ޚިދުމަތް، ފުރަތަމަ ހަފުތާގައި ވަނީ ހިލޭކުރަން ނިންމައިފައެވެ. ނަމަވެސް އޭގެ އިތުރު ހަފުތާއަށް ވަނީ ދަތުރުތައް ހިލޭ ކޮށްދީފައެވެ.
އެފަހުން މިއަދު އެ ޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މިހާރު ދަތުރުތަކަށް ފައިސާ ނަގަން ފަށާފައިވާ ކަމަށެވެ.
ޓެކްސީ ލައިންގެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވެސް އާއްމުކޮށް ޓެކްސީ ކުރާ އަގުތަކުގައެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށިފަހުން ވަނީ އެ ޚިދުމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ތައާރަފުކުރި ފުރަތަމަ ހަފުތާގައި އެކަނިވެސް ޚިދުމަތަށް ބާރުބޮޑުވެ، ހޮޓްލައިން ނަންބަރު، 1655 އަށް ނުގުޅޭ ކަމަށް އާންމުން އައީ ބުނަމުންނެވެ. އެގޮތުން ކިޔޫގައި ވިއްސަކަށް މިނެޓު މަޑުކުރަން ޖެހި، ކާރަށްވެސް ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމުގެ ޝަކުވާ ބައެއް އާންމުން އައީ ކުރަމުންނެވެ.
އެކަމާ ގުޅިގެން އެމްޓީސީސީން އޭރު ބުނީ، ޓެކްސީ ލައިނުގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮތުމުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ޚިދުމަތަށް އެދި ގުޅަމުން އަންނަ ކަމަށެވެ. އަދި ކޯލް ސެންޓަރުގެ އޭޖެންޓުން މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ ޑިޖިޓަލް ބުކިން ސިސްޓަމް މެދުވެރިކޮށެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހިލޭ ދަތުރުކުރެވޭ މުއްދަތަށް ފަހު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.




