ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި ވީހާވެސް އަވަހަށް ނުކުމެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު އިލްތިމާސްކުރައްވައިފިއެވެ.
އީސީގެ ރައީސް ވިދާޅުވީ، އިންތިހާބުގެ އިތުރުބުރުގެ ވޯޓުލުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި ހުންނާނީ ޤާނޫނާއި ގަވާއިދުގައި ބަޔާންކުރާގޮތުގެ މަތިންކަމަށެވެ.
މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގައި ނަތީޖާ އެއްވަރުވީ 5 ދާއިރާއެއްގެ އެކި މަޤާމުތަކަށް މީހުން އިންތިހާބުކުރުމަށް އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހިއިރުގައެވެ. މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި މިބުރުގައި ވޯޓުލުމަށް 14 ވޯޓު ފޮއްޓެއްވަނީ ބަހައްޓާފައެވެ.
ވޯޓުގެ ކަންކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ޒާހިދު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި 3 އިންތިހާބުގައި ވޯޓުލުމަށް ހޭދަވި ވަގުތާ އަޅާ ބަލާއިރު، މިއަދުގެ ވޯޓުލުމަށް ހޭދަވާ ވަގުތު ކުޑަކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒަށްވަދެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެހުމާއި ވޯޓުފޮއްޓަށް އެޅުމަށްފަހު ނުކުތުމާއި ދެމެދު ހޭދަވަނީ އެވްރެޖްކޮށް 1 މިނިޓު ކަމަށާއި މިކަމުން ހާމަވަނީ މިފަހަރުގެ އިންތިހާބުގެ އިންތިޒާމުތައްވެސް ރަނގަޅުކަންކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
”އުއްމީދުކުރަނީ މިއަދުގެ ވޯޓު ހުރިހާ ރައްޔިތުންވެސް ނިމިދިޔަ އިންތިޚާބުގައި ވޯޓުލީ ފަދއިން ނިކުމެ ގިނަ ވީހާވެސް ގިނަބަޔަކު ޝައުގުވެރިކަމާއެކު ވޯޓުލާނެކަމަށް. ވޯޓުންނޭ ރައްޔިތުންގެ ބަސް އިއްވޭނީ.“ ޒާހިދު ވިދާޅުވިއެވެ.




