ކޮންމެ އަހަރަކު ވެސް ސިޔާސީ މުވައްޒަފުންގެ ޕާފޮމަންސް ބެލުމަށް ސަރުކާރުން އެސެސްމަންޓެއް ކުރިއަށްގެންދާ ކަމަށާއި މި އަހަރުގެ އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ރޭގައި ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މުންދު ވިދާޅުވީ ވަކި އަދަދަކަށް ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.
ސަރުކާރުގެ މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ ފެންވަރު ބެލުމަށް އެސެސްމަންޓެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ މާލީ ގޮތުން ފައިސާ ރައްކާކުރުމުގެ ވިސްނުމުގައި ވަކި އަދަދަކަށް މުވައްޒަފުން ވަކިކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
”ވަކި އުސޫލެއްގައި ވަކި ފޯމެއްޓައި ކަރުދާހެއް ހުށަހަޅައިގެން ސުވާލުތަކެއް ވެސް ހިމެނޭ ގޮތަށް ސިޔާސީ މުވައްޒަފުންގެ މަސައްކަތް ބަލާފައި އެބަހުރި ހުސްވި އަހަރު ވެސް. ކޮންމެ އަހަރަކު ވެސް ހާއްސަކޮށް ސިޔާސީ މުވައްޒަފުން އެސެސްކުރެވޭ،“ ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ.




