މިއަދު ފެށިގެން ކުރިއަށްދާ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ނަތީޖާ އެއްވަރުވި ދާއިރާތަކުގައި ދެވަނަ ބުރުގައި މިހާތަނަށް 2368 މީހުން ވޯޓުލައިފިކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
މި އިންތިހާބު ފެށުނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި މެންދުރު 12:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ %38.86 މީހުން (2368 މީހުން) މިހާރު ވަނީ ވޯޓު ލާފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 6093 މީހަކަށެވެ. އޭގެ ތެރެއިން މިހާތަނަށް ވޯޓު ލާފައިވަނީ 1141 އަންހެނުންނާއި 1227 ފިރިހެނުންނެވެ.
މިއަދު ވޯޓްލާ ކައުންސިލް ގޮނޑިތައް:
° ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި
° ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެމްބަރުގެ ގޮނޑި/ ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެއް
މިއަދު ވޯޓްލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތައް:
° ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމް
° ހދ. ނޭކުރެންދޫ ކޮމެޓީ މެމްބަރު
° ލ. މާވަށު ކޮމިޓީގެ މެމްބަރު
މި އިންތިހާބުގެ ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައެވެ.




