ޅ. އަތޮޅުގެ ފަޅުރަށުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ދިގު މިނުގައި 5 ފޫޓް ހުރި އެ ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރު ކަމަށެވެ. ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި އެ އަތޮޅު ނައިފަރަށް ގެންގޮސްފައެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރުއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.




