ފާއިތުވި 10 އަހަރު މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާ ކަމަށް ބުނެ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ސިޓީ ފޮނުއްވާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެ ސިޓީގައި މުހައްމަދު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ވެރި ރަށް މާލޭގެ ތަންތަނާއި، ބިންތަކާއި އަދި އާއްމު ވަސީލަތްތަކުގެ މާލީ ނަފާ ލިބެމުންދާ އިދާރާ ކަމުގައިވާ މާލެ ސިޓީ ކައުންސިލް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް އޮޑިޓްކޮށްފައި ނެތްކަން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެހާ އިދާރާތައް އޮޑިޓްކުރުމަށް އޮޑިޓާ ޖެނެރަލް ވެސް މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެހެންކަމުން މާލެ ސިޓީ ކައުންސިލް މިހާތަނަށް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
އޭނާ ވަނީ މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކުރުމަށާއި އެކަން ނުކޮށް މިހާ ގިނަ ދުވަސްވެގެން ދިޔަ ސަބަބު ރައްޔިތުންގެ މަޖިލީހުން އިތުރަށް ދެނެގަތުމާއެކު އަވަހަށް އޮޑިޓްކުރުމަށްފަހު، ރިޕޯޓުތައް އާއްމުކުރުމަށް ބާރުއެޅުމުގެ ގޮތުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ހަމައެއާއެކު މި މައްސަލަ ކުރިއަށް ދާއިރު ގާނޫނުއަސާސީގެ 99 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން މާލެ ސިޓީ ކައުންސިލް އަދި އޮޑިޓާ ޖެނެރަލް އެ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް ވެސް މެންބަރު އެދިވަޑައިގަތެވެ.




