2019 ވަނަ އަހަރުން ފެށިގެން ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ދިވެހި ރާއްޖޭގެ އެއްވަނަ ޓެކްސީ އެޕްލިކޭޝަން އަވަސްރައިޑްގެ ޚިދުމަތް އެކުންފުނީގެ ސުޕަރ އެޕް ”އަވަސްއެޕް“ އަށް މިހާރު ބަަދަލު ކޮށްފިއެވެ.
އަވަސްއެޕަކީ ފަސޭހައިން ދަތުރު ހޯދޭނެ ގޮތަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަރުމާ ކުރެވިފައިވާ އެޕްލިކޭޝަން އެކެވެ.
އެގޮތުން އަވަސް އެޕުން ކުރެވޭ ދަތުރުތަކަކީ ކަސްޓަމަރުންނަށް އަމާން އަދި ރައްކާތެރި ދަތުރުތަކަކަށް ހެދުމަށްޓަކައި ގިނަ ކަންތައްތަކެއް ހިމެނިފައިވެއެވެ. މިގޮތުން ދަތުރު ކުރެވޭ ތަނާއި، ދަތުރު ކުރެވޭ ޑްރައިވަރުގެ މައުލޫމާތާއި ދަތުރުގެ ދިގުމިނާއި ނިންމޭނެ ވަގުތު ކުރިން އަންދާޒާ ކުރެވެއެވެ.
އަވަސް އެޕް ހިންގާ ކުންފުނިން ބުނީ، ޒަމާނަށް އައި ބަދަލުތަކާއެކު ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކަމާއެކީ ބެލެހެއްޓުމަކީ އެ ކުންފުނިން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.
އެގޮތުން ކަސްޓަމަރުންގެ ފޯނުނަންބަރާއި ކަސްޓަމަރުންގެ އެހެނިހެން މައުލޫމާތު ދަތުރު ނިމުމަށްފަހު ނުފެންނަގޮތަށް މިހާރު ރައްކާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އަވަސް އެޕަކީ 100 ޕަސެންޓް ދިވެހި ޒުވާނުންގެ އުފެއްދުމެކެވެ. އަވަސް އެޕުން ޓެކްސީ ޚިދުމަތުގެ އިތުރުން އިންޝޫރަންސް ގެ ޚިދުމަތް މިހާރު ފަސޭހަ ކަމާއެކު ލިބެން ހުރެއެވެ.
މީގެ އިތުރުން ޕާރުސަލް ޑެލިވަރީ ޚިދުމަތާއި ކާއެއްޗިހި ޑެލިވަރީ ކުރުމުގެ ޚިދުމަތް ފެއްޓުމަށް މިހާރު ވަނީ ތައްޔާރު ވެފައެވެ.
މިހާ ގިނަ ދުވަހަށްފަހު އަވަސްރައިޑުން އަވަސް އެޕަށް ބަދަލު ކުރަންޖެހުނީ ކީއްވެތޯ ސުވާލުކުރުމުން އަވަސްއެޕްގެ އެމްޑީ ވިދާޅުވީ:
”އަޅުގަނޑުމެން ފެށިއިރު ބޭރުގެ އެޕެއް ބޭނުންކުރީ، އެ ދުވަސްވަރު ގިނަ ބަޔަކު ގަބޫލުކުރަން ދެކޮޅުހެދި މި ހިޔާލަކީ ކާމިޔާބު ކުރެވިދާނެ ކަމެއްކަން ސާބިތުކޮށްދިނުމަށް. އެކަން ކާމިޔާބުވި، ނަމަވެސް އެއީ އަޅުގަނޑުމެންގެ އަމިއްލަ ޓެކްނޮލޮޖީއަކަށް ނުވާތީ، އެޕަށް ބަދަލުތައް ގެނައުމުގައި ދަތިތަކެއް ހުރި، ކަމަށެވެ. 2019 ވަނަ އަހަރު އަވަސް ރައިޑް ގެ ނަމުގައި ފެށި ޚިދުމަތް ފުޅާކޮށް ގްރޭޓަރ މާލޭގެ ޓެކްސީ ޚިދުމަތުގެ 80 ޕަސެންޓް ކަވަރު ކުރާ ޓެކްސީ އެޕްލިކޭޝަން ދިވެހި އަމިއްލަ އެޕްލިކޭޝަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާތާ ދެއަހަރެއްހާ ދުވަސް ވެއްޖެ“
މިހާރު މި ބަދަލު ކުރި އެޕްލިކޭޝަން އަކީ ދިވެހިން ފަޚުރުވެރިވާ ދިވެހި އަމިއްލަ އުފެއްދުމެއް ކަމަށާއި މި އެޕްލިކޭޝަނުން ޓެކްސީގެ އިތުރުން ޕިކަޕް އަދި ސައިކަލްވެސް ބުކް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އިންޝޫރަންސް ވެސް ނަގަން ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.
”ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ޕިންކޯޑު ޖެހުމާއި ދަތުރު އެހެން މީހަކާއި ޝެއަރ ކުރުން ފަދަ ފީޗާރސް ހުނާނެ. މިސާލަކަށް ކުއްޖަކު އެކަނި ޓެކްސީ އަށްލާފަ ބެލެނިވެރިޔާއަށް ދަތުރު ކުރަމުންދާ ގޮތް ބެލޭނެ. ފައިސާ ދައްކަން ވެސް ފަސޭހަވާނެ، ކޭޝްލެސް އޮޕްޝަން ހުންނާނެ.“ އެމްޑީ ވިދާޅުވިއެވެ.
އަވަސްއެޕަކީ މިހާރު މާލެ ސަރަހައްދުގެ އެންމެ ގިނަ ޑްރައިވަރުންތިބި އެންމެ ގިނަ ކަސްޓަމަރުން ބޭނުން ކުރާ އެޕްލިކޭޝަނެވެ.




