މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ، އުމްރާނީ ތަރައްގީގެ މިވަގުތު ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ 72 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.
މިކަން ހާމަކުރަމުން އުމްރާނީ ތަރައްގީއާބެހޭ މިނިސްޓްރީން މިއަދު ބުނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ 71.60 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި މިހާރު ސައިޓުގައި ކުރަމުން އަންނަނީ ބްރިޖު ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ބްރިޖު ޑެކަށް ބޭނުންވާ 1،222 ސެގްމަންޓުގެ ތެރެއިން މިހާތަނަށް 84 ޕަސެންޓު ސެގްމަންޓް ކާސްޓްކޮށް މިހާރު ވަނީ ނިމިފަ އެވެ. އަދި 54 ޕަސެންޓު ސެގްމަންޓް އިންސްޓޯލްކޮށް ވެސް ވަނީ ނިމިފައެވެ.
ގުޅިފަޅުގައި މިވަގުތު ކުރިއަށް ގެންދަނީ ބްރިޖާ ގުޅިގެން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތެވެ. އަދި ތިލަފުށީގައި މިވަގުތު ކުރިއަށް ގެންދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާޓްސް (ފެން ހިންދާ ނިޒާމު) ހަރުކުރުމުގެ މަސައްކަތެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި، ގުޅިފަޅުގައި ހެދި ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހެދި (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތަކެވެ.



