ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި، އެ އަދަބު ދިނުން މަޑުޖައްސާލުމަށް ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން އަނެއްކާވެސް ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އެ ފަރާތްތަކުން މިކަމަށް އިލްތިމާސްކޮށްފައި ވަނީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ރާއްޖޭގެ ޤާނޫނުތަކުގައި ހިމެނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެތައް އަހަރެއް ވަންދެން ރާއްޖޭގައި މީހުން މެރުން މަނާކޮށްފައި އޮތުމަށްފަހު، އަލުން އެ ޢަމަލު ފެށުމަކީ އިންސާނީ ކަރާމާތާއި ބައިނަލްއަޤުވާމީ މުއާހަދާތަކާ ފުށުއަރާނެ ކަމެކެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހަރުކަށި އަދަބުތައް ދެމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ޖަމާޢަތްތަކުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ޤައުމުތައް ކަމަށްވާ އީރާނާއި ސައުދީ ޢަރަބިއްޔާ ފަދަ ތަންތަނުގައި، ޖާސޫސުކުރުމާއި ޕިރަމިޑް ސްކީމް ފަދަ އިޤުތިޞާދީ ކުށްތަކުގައި ވެސް މަރުގެ އަދަބު ދޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
އަދުލު އިންސާފު ގާއިމުކުރުމުގައި މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި އެކަމާ ގުޅޭގޮތުން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިމުނު މާރިޗް މަހު ވަނީ ވިދާޅުވެފައެވެ.




