މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް އެތައް މުވައްޒަފުންނެއް ނަގައި، ގޭގައި ބައިތިއްބައިގެން މުސާރަ ދޭކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެއްވެސް ލިސްޓެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްއަށް ވަޒީފާއަށް ނެގުމަށް ފަހު، އެއްވެސް މަސައްކަތެއް ހަވާލު ނުކޮށް އެތައް މުވައްޒަފުންނަކަށް މުސާރަ ދޭކަމަށްބުނެ ސޯޝަލް މީޑިއާގައި އަޑުގަދަ ކުރަމުންދާ ހަސަން ކުރުސީ ވަނީ 85 މުވައްޒަފެއްގެ ނަން ހިމެނޭ ލިސްޓެއް ވެސް ދާދިފަހުން އާންމުކޮށްފައެވެ.
އެ ލިސްޓާ ގުޅިގެން އެތައްބަޔަކު ވަނީ ސަރުކާރާމެދު ނުރުހުން ފާޅުކޮށް ސުވާލުވެސް އުފައްދާފައެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުންފުނިތައް އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެބުނާފަދަ ލިސްޓެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
”ނޫން، އަޅުގަނޑާ ހަމައަކަށް ތި ކަހަލަ ލިސްޓެއް ނާދޭ. އެމްއޭސީއެލް އެކަންޏެއް ނޫން، ޖުމުލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު އެ އޮތީ ފިނޭންސް މިނިސްޓަރު ޕީސީބީއަށް އަންގާފައި. އޭގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް، ހެޔޮ ބަދަލުތަކެއް އަންނާނޭ“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޖުމުލަކޮށް ހުރިހާ ކުންފުނިތަކަށް ވެސް އިސްލާހީ ފިޔަވަޅު އަޅައި، މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައިވާނެ ކަމަށެވެ.



