ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ފަވާލާފައިވަނީ، ނުރައްކަލުން ސަލާމަތްކޮށްދިން ހިތްވަރުގަދަ ދަރިންތަކެއްގެ ނަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ސިފައިންގެ 134 ވަނަ އަހަރީ ދުވަހާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވާދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއްގެ ނަމުން ކަމަށެވެ.
”ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މުނާސަބަތުގައި ރައީސް ވަނީ، ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކޮށްދެއްވަވާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވައި، މި އުފާވެރި 134 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ސިފައިންނާއި އާއިލާތަކަށް އަރިސްކުރައްވާފައެވެ.



