އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވަން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މެމްބަރުން އަލްހާން ފަހުމީ ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރުމަށް މީކާއިލް އާއި އަލްހާން ވެސް މިހާރު އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ރައީސް ނަޝީދު އެ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރެއްވުމުގެ މާ ކުރިން މީކާއިލް ވަނީ މި މަހު ކުރީކޮޅު އެކަން އިއުލާން ކުރައްވާފައެވެ.
އެގޮތުން ކެމްޕެއިން ތެރެއިން ކުރިން މީކާއިލް ވިދާޅުވީ މިވަގުތު އެމްޑީޕީގެ އެންމެ އިސް އަމާޒަކަށް ވާން ޖެހޭނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. އެކަން ކުރުމަށް ޕާޓީއަށް އެންމެ މުހިންމީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދައި ޕާޓީގެ ސަފުތައް ބަދަހިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށް ވުރެ ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ފަރާތެއް ޕާޓީގެ ހުންގާނާ ހަވާލުވެގެން ކަމަށް މީކާއިލް ވިދާޅުވި އެވެ.
އަލްހާން ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމަވާފައިކަން އިއުލާންކުރައްވައިފަ އެވެ.




