ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އަދި ފެމިލީ ކޯޓުގެ އިސް ޤާޒީގެ މަގާމަށް އަލްއުސްތާޛު ޢަބްދުﷲ ނަޝީދު އައްޔަނު ކުރައްވައިފިއެވެ.
މިކަން ހާމަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ދެ މަގާމަށް ދެބޭފުޅުން އައްޔަނުކުރުމަށް އިއްޔެ ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
ޖަމީލްއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެމްބަރު 23 އިން 2009 ޖަނުއަރީ 31 ވަނަ ދުވަހާ ހަމައަށް ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުއަރީ 01 އިން 2019 ފެބްރުއަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައި ވެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޖަމީލު އައްޔަނު ކޮށްފައިވަނީ 2025 އޯގަސްޓް 03 ވަނަ ދުވަހުއެވެ.
އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ނަޝީދު ވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމް އަދާކުރައްވާފައި ވެއެވެ.
ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، ނަޝީދު ފެމިލީ ކޯޓުގެ ޤާޟީކަމަށް އައްޔަނުކޮށްފައިވަނީ 2016 މާރިޗު 24 ވަނަ ދުވަހު އެވެ.




